Tuesday, March 12, 2013

understanding padagogy n learning theories


"އަންޑަސްޓޭންޑިން ޕެޑަގޮޖީ އެންޑް ލާރނިންގ ތިއަރީސް" މިމާއްދާގައި ކިޔަވައިދެވުނު މަޢުޟޫޢު ތަކާމެދު އަޅުގަނޑުގެ ފިކުރާ ޚިޔާލު
1-    އުނގެނުމާއި އުނގަންނައިދިނުން އަދި ތަޢުލީމް
         އެޑިޔުކޭޝަނަލް ސައިކޮލޮޖީގެ ދައުރަކީ ކުލާސްރޫމުގެ ޙަރަކާތްތަކާއި މަދަރުސާގެ މާޙައުލު ދިރާސާކުރުމެވެ. ނުވަތަ އެސިފަތައް ލިބިފައިވާ ނަޒަރިއްޔާތުތަކާއި މައްސަލަތަކާއި މައްސަލަތައް ދެނެގަނެ ހައްލުކުރާނެ ގޮތްތައް ކަނޑައެޅުމެވެ.
         އުނގެނުމާއި އުނގަންނައިދިނުމަށް އެކިއެކި ވައްތަރުގެ ދިރާސާ ބޭނުން ކުރެވިދާނެއެވެ. މިސާލަކަށް ހާދިޘާއެއް އެއްކޮށް ހިނގާދިޔަ ގޮތުގެ ތަފްޞީލީ ދިރާސާއެއް ނުވަތަ އެކިއެކި ކަންކަމުގެ މިންވަރު އެނގިފައިވާ ތަފާސްހިސާބުގެ އަލީގައި ދެނެގަނެ ކުރާ ދިރާސާއެއްވެސް ބޭނުންކުރެވިދާނެއެވެ. ހަމައެހެންމެ ކަމެއް ހިނގާފާނެގޮތް ކުލާހުގެ މާޙައުލުގައި ތަންފީޒުކޮށް އެކަމެއް ހިނގަން ދިމާވި ސަބަބުތަކާއި ނަތީޖާ ހޯދިދާނެގޮތުގެ ދިރާސާއެއްވެސް ބޭނުންކުރެވިދާނެއެވެ.
         ކިޔަވައިދިނުމުގައި އެކިއެކި ތިއަރީތައް ނުވަތަ ގޮތްތައް ބޭނުންކުރެވިދާނެއެވެ. އެޑިއުކޭޝަނަލް ސައިކޮލޮޖީއަކީ ކުދިންގެ ކިޔެވުމުގެ އެކިއެކި ކަންކަން ބަލާ ދިރާސާކުރާ ޢިލްމަށް ވާއިރު އުނގަންނައި ދިނުމުގައި ބޭނުންކުރާ އެކިއެކި ތިއަރީތައް އެނގި، އެގޮތްގޮތް ބޭނުންކުރުމަކީ އެންމެ އެދެވިގެންވާނޭ ގޮތެވެ. އެގޮތުން ހެދިފައިވާ ތިއަރީތަކުގެ އަލީގައި ކުދިންގެ މެދުގައިވާ ވިސްނުމުގެ ތަފާތުކަން އަދި އެކިމީހުން އުނގެނުމުގައި ގެންގުޅޭ ތަފާތު ގޮތްތައް ހިމެނެއެވެ. ހަމަ މިއާއެކު ކުލާސްރޫމް މެނޭޖުކުރުމަށް ގެންގުޅެވޭނެ ރަނގަޅު ތިއަރީއަކީ ދިމާވާ މައްސަލަތައް ހައްލުކުރާނެ އުފެއްދުންތެރި ޚިޔާލުތައް ހޯދުމަށް މަގު ދައްކުވައިދޭ އެއްޗެކެވެ. އެހެންކަމުން ފާހަގަކޮށްލެވޭ ތިއަރީތަކުގެ ތެރޭގައި މީހާއަށް އަންނަ ބަދަލުތައް އެންމެ ޅަދުވަހުން ފެށިގެން ފުރާފުރިހަމަވުމާއި ހަމައަށް އެކި މަރުޙަލާތަކަށް ބަހާލެވިފައިވާ ތިއަރީ އާއި، އިންސާނާގެ ސިކުނޑި ތަރައްޤީވަމުން އަންނަގޮތުގެ ތިއަރީއާއި، ކުއްޖާގެ އިޖުތިމާޢީ މާހައުލުގެ ސަބަބުން އެކުއްޖާގެ ބޭނުންތައް ބައްޓަން ވެގެންދާގޮތް ދެނެގަތުމުގެ ތިއަރީވެސް ހިމެނެއެވެ.
        މިދިރާސާތަކުން ހޯދިފައިވާ ހޯދުންތަކުގެ އަލީގައި ދަރިވަރުންގެ މެދުގައިވާ ފަރުދީ ތަފާތުތަކާއި ދަރިވަރުންނަށް ކަންކަން ޙާޞިލްކުރެވޭ މިންވަރު ދެނެގަންނާނެ ގޮތާއި ދަރިވަރުންގެ ވިސްނުން ތަރައްޤީވާނެ ގޮތާއި އަދި  ކުއްޖާ ހެދިބޮޑުވާ މާހައުލުން އުނގެނުމަށް ކުރާ އަސަރުތައް އެނގިގެންދެއެވެ. އަދި ހަމަ އެފަދައިން މިމޭރުމުން ދިމާވާ ތަފާތު މައްސަލަތަކާއި އަދި މިފަދަ މައްސަލަތައް ޙައްލުކޮށް ކަންކަން ނިންމުމުގެ ޤާބިލްކަން ވެސް މިޢިލްމުގެ ތެރެއިން ލިބިގެންދެއެވެ.
         އެހެންކަމުން  "އުނގެނުމާއި އުނގަންނައިދިނުން އަދި ތަޢުލީމް" މިމަޢުޟޫޢު އަކީ މިފަދަ މާޙައުލެއްގައި މަސައްކަތްކުރާ ފަރާތްތަކަށް ނުހަނު ބޭނުންތެރި މަޢުޟޫއެއްކަމުގައި އެނގިގެން ދިޔައެވެ.
ތައްޔާރުކުރީ: ޢަޒީޒާ ޢަބްދުއްރަޙުމާނު

No comments:

Post a Comment